ރައީސް ޑރ. މުހައްމަދު މުއިއްޒު ށ.ނޫމަރާ ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ނޫމަރާ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތާއި، މޫދަށް އެރޭނެ ސަރަހައްދަކާއި އޮޑިއެހެލައި، މަރާމާތު ކުރެވޭނެ ތަނެއްގެ އިތުރުން ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، އާރުޓީއެލް ދަތުރުގެ ރޫޓު ބަދަލުކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
ރަށުގެ ތަރައްގީއަށް ބޭނުންވާ އެހެން ކަންކަމުގެ ތެރޭގައި ސްކޫލަށް ލައިބްރަރީއަކާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފެށޭނެގޮތް ހަމަޖައްސަވައިދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.

