ށ. ގޮއިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަންދެއްވީ، އެމަނިކުފާނު ށ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ގޮއިދޫ ސިއްހީ މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރުމަކީ އެރަށު ރައްޔިތުންނަށް ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، އެ މަޝްރޫއުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ބަޔަކާއި ހަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާ އަދި އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ބަޔަކާއި ހަވާކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ގޮއިދޫގައި ސަރުކާރުން ބިނާކުރާ ސިއްހީ މަރުކަޒުގެ ދެ ބުރީގެ އައު އިމާރާތަކީ ދިހަ ވޯޑުއެނދު ހިމެނޭ، ޕްރައިވެޓް ރޫމްތަކާއި ޓްރައޭޖް އަދި ކޮންސަލްޓޭޝަން ރޫމް ހިމެނޭހެން ޖުމްލަ ވިހި އެނދާއެކު ތަރައްގީ ކުރާ އިމާރާތެކެވެ.

މީގެއިތުރުން މިބައްދަލުކުރެއްވުމުގައި، ރައީސް ވަނީ، އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ހުއްޓިފައިއޮތް ގޮއިދޫ ސްކޫލްގެ މަޝްރޫއު ނިންމައި ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

އެގޮތުން ސްކޫލުގެ 8 ކްލާސްރޫމުގެ މަސައްކަތަކީ ފަށައިގެން ހިޔާކުރުމާއި ހަމައަށްގޮސް ހުއްޓިފައިވާ މަޝްރޫއުއެއް ކަމަށާއި ދިގުލައިގެންގޮސްފައިވާ މި މަޝްރޫއުގެ މަސައްކަތް ކުރަމުންދާ ފަރާތާއެކު ކުރިއަށް ނުގެންދެވުމުން މިހާރު ސަރުކާރުގެ ކުންފުންޏަކާއި ހަވާލު ކުރައްވާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އެ މަސައްކަތް ހަވާލުކުރައްވާފައިވާ ފެނަކައިން މި މަސައްކަތަށް ބޭނުންވާ ތަކެތި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހަމަކޮށް، ރަށަށް އެ ސާމާނު ގެނެސް، އެ މަސައްކަތް ފެށިގެންދާނެކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، މިއަދު ސޮއިކުރެވުނު މަސައްކަތްތަކާއި މިއަދު ފެށި ކަންކަން ހިނގަމުންދާނެ ކަމަށާއި މީގެ އިތުރަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފުރިހަމަ ފުޓްބޯޅަ ދަނޑެއް ހައްދަވައިދެއްވައި، ވޮލީ ކޯޓަކާއި ހޭންޑްބޯލް ކޯޓެއް ގޮއިދޫގައި އަޅައިދެއްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ ގޮއިދޫގެ ދަނޑުވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަމުންނެވެ.