ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ށ. ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތް ނިންމަވައި، އެއަރޕޯޓު ހުޅުވޭނެކަމުގެ ޔަގީންކަންދެއްވައި، މިފަދަ ބިޔަ ބައެއް މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ގޮތުގެ ތަފްސީލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހި ރައްޔިތުންނާ ހިއްސާކުރައްވައިފިއެވެ.

ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ކޮމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ ބިންހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ ކަންކަން ހިނގަމުންދާނެ ގޮތުގެ ތަފްސީލުތައްވެސް ހިއްސާކުރައްވާފައެވެ.

ކޮމަންޑޫގައި އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމަށްޓަކައި އަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް މިއަދު ފެށިފައިވާއިރު، އެންމެ ލަސްވެގެން 8 މަސްދުވަހުގެ ތެރޭގައި ބިންހިއްކުމުގެ މަސައްކަތް ނިމޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

އެމްއޭސީއެލުން ބިންހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަވަނީ، އެ ރޮނގުން ކުރިއަރާފައިވާ، އެންމެ ފެންވަރު ރަނގަޅު، ބޭރުގެ ދެ ކުންފުންޏަކާއެކު ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުން ކަމަށާ، ގާތްގަނޑަކަށް 11000 ޓަނުގެ ޑްރެޖަރެއް މިމަސް ނިމޭއިރު ރާއްޖެ ގެނެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތިން ވަނަ ހަފުތާގެ ތެރޭގައި 40000 ޓަނުގެ ޑްރެޖަރެއް ރާއްޖެ ގެންނާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެ ޑްރެޖަރު މަސައްކަތް ކުރާނީ ރަސްމާލޭގައި ކަމަށާ، ތިން ވަނަ ޑްރެޖަރު ޑިސެމްބަރު މަހުގެ ތެރޭގައި ގެނަސް، ހއ. ދިއްދޫގެ ޕްރޮޖެކްޓު ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ދެން ފަށާނީ ކޮމަންޑޫ އެއަރޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކަމުގައި ވިދާޅުވެ، މަޝްރޫއުގެ ތަފްސީލުތައް، ރައީސް ހިއްސާކުރެއްވިއެވެ.

އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ ކޮމަންޑޫއަށް އެންމެ މުހިންމު މަޝްރޫއު ކަމުގައި ފާހަގަކުރައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ، ރަށުގެ ތަރައްގީއަށްޓަކައި އެހެނިހެން ދާއިރާތަކުން ކުރިއެރުން ހޯއްދަވައިދެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން އެންމެ މުހިންމުކަމެއްގެ ގޮތުގައި، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، 2026 ވަނަ އަހަރު، ށ. ކޮމަންޑޫގައި 50 ހައުސިން ޔުނިޓު ތަރައްގީ ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި، އަންނަ އަހަރުގެ ކުރީކޮޅު، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގެ ސްކޫލުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްގެންގޮސްދެއްވާނެ ކަމަށާ، ހަމައެއާއެކު އަހަރުގެ ކުރީކޮޅު، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީ ކުރެއްވުމުގެ އަމަލީ މަސައްކަތްތައް ފެށޭނެކަމުގެ ޔަގީންކަން، ރައީސް ދެއްވިއެވެ.

މީގެއިތުރުން ރައީސް ވަނީ، 2025 ވަނަ އަހަރު ނިމުމުގެ ކުރިން، ށ. ކޮމަންޑޫގައި ޑައެލަސިސް ހިދުމަތް ގާއިމު ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމަވައިދެއްވައި، އެނޫންވެސް އެކި ދާއިރާތަކުން ރަށަށް ބޭނުންވާ މުހިންމު ތަރައްގީ ހޯއްދަވައިދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.