ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ، ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ މި ޕޯސްޓުގައި، ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު ފަހިކުރަން ސަރުކާރުން ޢަމަލީ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ހާމަކުރައްވާފައިވެއެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި، ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖްތަމަޢެއް ހޯދުމުގައި، އަދި ދަރީންނަކީ ސިއްހަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭންޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ސިއްހީ އާދަތައް ހިފެހެއްޓުންކަމުގައި ވިދާޅުވިއެވެ.

އަދި މިކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ގައުމީ ފެންވަރުގައި، ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މި މެސެޖު ނިންމަވާލެއްވީ ދިވެހީންގެ ކެއިންބުއިމުގައި ބަރަކާތްލައްވައި، ބަލިތަކާ ދުރު، ދުޅަހެޔޮ ބައެއްގެ ގޮތުގައި ލެހެއްޓެވުން އެދި މާތްﷲ ގެ ހަޒުރަތުގައި ދުއާ ދަންނަވަމުންނެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް، ކާބޯތަކެތީގެ މުހިންމުކަން ފާހަގަކުރައްވައި އެކްސްގައި މެސެޖެއް ހިއްސާކުރައްވާފައިވެއެވެ.

އެކަމަނާގެ މި މެސެޖުގައި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަމުންދާއިރު، ކާނާއަކީ އަސާސީ ބޭނުމެއްގެ އިތުރުން ހައްގެއް ކަމުގައި ވަނީ ސިފަކުރައްވާފައެވެ.

އަދި ކާބޯތަކެއްޗަކީ ހަށިގަނޑަށް ބޭނުންވާ ކާނާ ކަމަށާއި، އެކިއެކި ސަގާފަތްތަކާއި ތަފާތު މުޖުތަމައުތަކުގެ ގުޅުންތައް ބަދަހިކުރުމުގައި ކާބޯތަކެތީގެ ދައުރު ވެސް އެކަމަނާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ފެށިގެން ހަމަނުޖެހުންތައް އާންމުވަމުންދާ މިފަދަ ޒަމާނެއްގައި އެންމެން އަތާއި އަތް ގުޅާލައި، ގުޅުންތައް ވަރުގަދަކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ކުރާ މަސައްކަތްތައް ހަރުދަނާކޮށް، މާނަހުރި ބަދަލުތަކަކަށް މަސައްކަތް ކުރުމުގެ މުހިންމުކަން އެކަމަނާގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

ބަނޑުހައިހޫނުކަން ނައްތާލައި، ކާނާއިން ހަށިގަނޑަށް ލިބޭ ފައިދާ އިތުރުކުރެވި، ކާނާގެ ޔަގީންކަން ހޯދޭނީ އެކުގައި މަސައްކަތްކޮށްގެން ކަމުގައި ރައީސްގެ އަނބިކަނބަލުންގެ މި މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.