ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލު މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދުރު އަބްދުލްލަތީ އާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ދެ ފޮރިން މިނިސްޓަރުން ބައްދަލުކުރެއްވީ ހަލީލު މިހާރު މިސްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތަހްރީރު ޕެލެސްގައެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން، ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ރާއްޖެއާއި މިސްރާ ދެމެދު އޮތް ޒަމާންވީ އަހުވަންތަ ގުޅުމުގެ މައްޗަށް ދެ ވަޒީރުންވެސް އަލިއަޅުވާލައްވައި، ދެގައުމުގެ ދެމެދުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާކުރެއްވި ކަމަށެވެ.
އަދި ރާއްޖޭގެ އިންސާނީ ވަސީލަތް ބިނާ ކުރުމަށް މިސްރު ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ވަކީން ހާއްސަކޮށް މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީން ފޯރުކޮށްދޭ މަތީ ތައުލީމުގެ ފުރުސަތުތަކަށް ޝުކުރު އަދާކުރެއްވި ކަމަށެވެ.

އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކާ އެއްގޮތް ސަގާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގުތިސޯދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުންނާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބުންޏެވެ.

އަދި ދަނޑުވެރިކަމާގުޅޭ ގޮތުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި، އޭގެ އިތުރުންވެސް ދެ ގައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ގައުމުގެ މަސްލަހަތުތައް ކުރިއެރުވުމަށާއި ރާއްޖެއާއި މިސްރާ ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.