މާވަށުގައި ސިއްހީ ދާއިރާ ތަރައްގީ ކުރާނީ ހޮސްޕިޓަލެއްގެ ފެންވަރަށް ހިދުމަތް ދެވޭގޮތަށް

އެމަނިކުފާނު މިކަން ހާމާކުރެއްވީ، އެމަނިކުފާނު ހައްދުންމައްޗަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލު ކަމަށްވާ، ލ މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާވަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް މިހާރަށް ވުރެ ފުރިހަމަކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ސިއްހީ މަރުކަޒަށް އިތުރު 4 އެނދުގެ ވޯޑަކާއި، ލެބޯޓްރީއަކާއި ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުންވެސް، ބައެއް ހިދުމަތްތައް ހިމެނޭގޮތަށް ތަރައްގީ ކުރެއްވުމަށް މިމަހުގެ ތެރޭގައި ބަޔަކާއި ހަވާލު ކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަމާޒަކީ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރައްވައި، ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީ ކުރެއްވުން ކަމަށެވެ.

މީގެއިތުރުން ކުރިއަށް އޮތް ތަނުގައި މާވަށު ސިއްހީ މަރުކަޒަށް ސީއެމްބިއުލާންސެއް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރަށުގައި 15 ހެކްޓަރުގެ ބިން ހިއްކަމުންދާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް އިތުރު 15 ހެކްޓަރުގެ ބިމާއެކު، ޖުމުލަ 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ބިން ހިއްކާ ނިމުމުން ރަށުގައި ތަރައްގީގެ އެހެނިހެން މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަން ފާހަގަކުރައްވާ، އެމަނިކުފާނު ވަނީ، ހައުސިންގް ޕްރޮޖެކްޓްތައް ކުރިއަށް ގެންދަވައި، އެ ސަރަހައްދަށް ފެނާއި، ނަރުދަމާ އަދި ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

މާވަށުގައި މިއަދު ވަނީ ކުޅިވަރާއި، ތައުލީމާއި، މަސްވެރިކަމާއި، މަގުހެދުން ފަދަ އުމުރާނީ ގޮތުން ރަށަށް ކުރިއެރުން އަންނާނެ މުހިއްމު 11 މަޝްރޫއުއެއް ފަށާފައެވެ.

އޭގެ ތެރޭގައި 8 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފަށައި، 3 މަޝްރޫޢެއްގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

ރައީސް ވަނީ މި މަޝްރޫޢުތައް ރައްޔިތުން ބޭނުންވާ ގޮތަށް އަވަހަށް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.