ލ. މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށައިފިއެވެ.
މޯލްޑިވްސް ޓްރާާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވަލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މާވަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މާވަށު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 89,135,016.84 ރުފިޔާގެ އަގަށް 540 ދުވަހުގެ މުއްދަތެއްގައި ނިންމުމަށެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ގިރާ ސަރަހައްދުގައި ޖުމުލަ 1،112 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޖެހުމާއި، 200 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖެހުމާއި، 524 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޖެހުމާއި، 120 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ލ. އަތޮޅުގެ މީހުން ދިރިއުޅޭ މާވަށުގެ އިތުރުން އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދުއަށް ވަޑައިގަތުމަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި، ރައީސް އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

