ސަރުކާރުގެ ސިޔާސަތަކީ ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުން ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ލ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު އެރަށުގައި ޢަމަލީ ގޮތުން މަސައްކަތް ފެށި، ހިތަދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ އައު އިމާރާތް ވެގެންދާނީ އެ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަށް ކުރައްވާ މަސައްކަތަށް ލިބޭ ކުރިއެރުމަކަށް ކަމަށެވެ.

އަދި ކުރިއަށް އޮތް 2026 ވަނަ އަހަރު، ޖުމުލަކޮށް މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރެއްވުމަށް އަހުމިއްޔަތުކަން ދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިންސާނީ ވަސީލަތްތަކުގެ އެހީގައި ސިއްހީ ހިދުމަތްދޭ ބައެއް މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، ބައެއް މަރުކަޒުތަކުން ހިދުމަތްދޭ ވަގުތު އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަތޮޅުގެ ގިނަ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ، އަދި ރިޔާސީ ވައުދެއްކަމުގައިވާ، އަތޮޅުގައި ދެވަނަ އެއަރޕޯޓެއް ތަރައްގީ ކުރެއްވުމުގެ މަޝްރޫއުއަ އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، އެކަމާމެދު މިދަތުރުފުޅުގައި ގޮތެއް ނުނިންމެވުމަކީ، އެކަން ނުކުރެއްވުން ނޫންކަމުގައި ވިދާޅުވެފައެވެ.

އެކަމުގައި އޮތް އެންމެ ފައިދާހުރި، ދެކޮޅުޖެހޭ، ފީސިބަލް ގޮތެއް ބެއްލެވުމަށްފަހު، ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު އަތޮޅުގެ ރައްޔިތުންނަށް ދެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، އެމަނިފާނުގެ ރިޔާސީ ވައުދުތަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއްގެ އެކި މަރުޙަލާތައް ފައްޓަވައިދެއްވާފައެވެ.

އެގޮތުން، މި ދަތުރުފުޅުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހިދުމަތް ފައްޓަވައިދެއްވައި ބޭންކް އޮފް މޯލްޑިވްސް ލ. ހިތަދޫ ބްރާންޗުގެ ބިންގާއަޅުއްވާފައެވެ.

އަދި ހިތަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅުއްވައި، ހިތަދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ވޮލީބޯޅަ ކޯޓު ތަރައްގީ ކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ހިތަދޫ – ކުނަހަންދޫ ކޯޒްވޭ މަޝްރޫއު އިފުތިތާހު ކުރައްވައިފައެވެ.

މީގެއިތުރުން، ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތާއި، ހިތަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތާއި، އައިސް ޕްލާންޓް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.

ބޭންކް އޮފް މޯލްޑިވްސް ލ. ހިތަދޫ ބްރާންޗުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހަށް ނިންމޭނެ ކަމަށާއި، ހިތަދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.