ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ލ އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ކުނަހަންދޫއަށް މިއަދު ވަޑައިގެންނެވިއިރު، މިއީ ތާރީހީ ދަތުރުފުޅަކަށް ވެގެން ހިނގައްޖެއެވެ.
ލ އަތޮޅަށް ފެއްޓެވި 3 ދުވަހުގެ ދަތުރުފުޅުގައި، ރައީސް މުއިއްޒު ކުނަހަންދޫއަށް ވަޑައިގެންނެވުމުން، އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

މިއީ އެ ރަށުގެ ރައްޔިތުންނަށް ހާއްސަ ދުވަހެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މިއީ އިންތިހާބެއްގެ ކެމްޕޭން ދުވަސްވަރަށް ނުވާގޮތަށް، ރާއްޖޭގެ ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ ވެރިޔަކު ވޭތުވެ މިދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ގޮތުން، އެ ރަށަށް ކުރެއްވި ފުރަތަމަ ޒިޔާރަތްކަމަށް ކުނަހަންދޫ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.
އަދި މިއީ އެރަށަށް ތާރީހީ ދުވަހެއްގެ ގޮތުގައި އެރަށުގެ ރައްޔިތުން އުފަލާއެކު ވަނީ ބަލައިގެންފައެވެ.

ރައީސް މިއަދު ކުނަހަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި އެރަށަށް ހާއްސަ ކުރެއްވި ގިނަ މަޝްރޫޢުތަކެއް ވަނީ ފައްޓަވާދެއްވާފައެވެ.
އަދި ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމުގެ ހިޔާލު ހޯއްދަވައި، ރައްޔިތުން އެދޭގޮތަށް ކުނަހަންދޫގެ ތަރައްގީގެ ކަންކަން ގެންގޮސްދެއްވާނެކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.

ރައީސް މިއަދު ލ އަތޮޅަށް ފެއްޓެވި މި ދަތުރުފުޅުގައި މީހުން ދިރިއުޅޭ 11 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެ ރަށްތަކަކީ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްރަށަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

