ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ދިވެހިރާއްޖެ ބަނގުރޫޓުވިޔަ ނުދީ، ދައްކަންޖެހޭ ދަރަނިތައް ދައްކަމުން އައުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ލ.ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުން ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި، އޭގެ ތެރެއިން ވެސް އެންމެ ބޮޑު ކާމިޔާބީ އަކީ ރާއްޖެ ބަނގުރޫޓު ވިޔަ ނުދިނުން ކަމަށެވެ.

”އެއީ ރައީސް މުއިއްޒުގެ އެންމެ ބޮޑު ކާމިޔާބުގެ ގޮތުގައި އަޅުގަނޑު ސިފަ ކުރާ ކާމިޔާބަކީ.“ އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ފޮނަދޫގެ ތަރައްގީއަށް ސޮއި ކުރެވުނު މަޝްރޫއުތައް ބާރުމިނުގައި ކުރިއަށް ގެންގޮސް ނިންމައިލެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އަބްދުއްރަހީމްގެ ވާހަކައިގައި މި ސަރުކާރުން ރާއްޖޭގެ ހަތް  ސަރަހައްދެއް، އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރަން ނިންމިއިރު، އޭގެ ތެރޭގައި ހައްދުންމަތީ ފޮނަދޫ ހިމެނުއްވުމަކީ، އެ ރަށުގެ ރައްޔިތުންނަށް މިހައިތަނަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްހަމަޖެހުން ކަމުގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޒަމާނަށް އަންނަ ބަދަލުތަކާއެކު، ތަރައްގީއަށްޓަކައި ކުރެވޭ އުއްމީދުތައް ވެސް މަތިވެގެންދާ ކަމަށާއި، ތަރައްގީގެ ކޮންމެ ވަސީލަތަކާއެކު އިތުރު ކަންކަމަށް ވެސް އުއްމީދު ކުރެވޭ ކަމަށެވެ.

އެގޮތުން ފޮނަދޫގެ ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ އެ ރަށުގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުވެގެން ދިޔުންކަން ފާހަގަކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ، މި ވެރިކަމުގައި އެ އުއްމީދު ހާސިލުވެގެންދާނެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.