އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކޮށް، ތެލަސީމިއާ ކުދިންނަށް ދޭނެ އެލަވަންސެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ލ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަނިވެރި މައިންނަށް ދޭ އެލަވަންސް ބޮޑުކުރުމާއި ތެލަސީމިއާ ކުދިންނަށް އެލަވަންސެއް ތައާރަފުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކެކެވެ.
އެމަނިކުފާނު ވިދާޅުވީ، އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށާއި، މި އަންނަ އަހަރު ބަޖެޓު ފާސްވެގެން ދިޔުމުން ޖެނުއަރީ މަހުން ފެށިގެން، އެކަނިވެރި މައިންނަށްދޭ އިނާޔަތް ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށެވެ.
އެކަނިވެރި މައިންގެ އެލަވަންސް ލިބެން ޖެހޭ 5،878 މީހަކު އެބަތިބިކަން ފާހަގަކުރައްވައި ރައީސް ވަނީ، ތެލަސީމިއާ ޕޭޝަޓުންނަށް 1،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
އެ އެލަވަންސްއާއެކު، މިހާރު ހޯދާ ފަރުވާއަށް އިތުރު އެހިީއެއް ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

