ލ. ގަމު ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ އާ އިމާރާތާއި އެ ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ލ. ގަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުތަކުގެ ތެރެއިން ހޮސްޕިޓަލުގެ އިމާރާތުގެ މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ. ބަނދަރު މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އަދި އެ ދެ މަޝްރޫއުގައި ވެސް އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެ ރަސްމިއްޔާތުގައި، ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ގަމު ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހޮސްޕިޓަލު އިމާރާތުގެ މަޝްރޫއުގެ ދަށުން، 31,968.78 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއް ހަދާނެއެވެ.

އެ މަޝްރޫއަކީ 99.93 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.