ޗައިނާ ސަރުކާރުގެ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްގީ ކުރަން ހިންގާ މަޝްރޫއުގެ ޑިޒައިން މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ކޮންސްޓްރަކްޝަން މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބެވެ.
އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޝިއަންވާއެވެ.
މާލޭގެ މަގުތަކާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ ޗައިނާގެ ހިލޭ އެހީގެ ދަށުންނެވެ.
މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ތަރައްޤީކުރާނީ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުމާއި ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމުވެސް ގާއިމުކޮށްގެނެވެ.
މާލޭގެ މަގުތަކާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ހެދުމުގެ މަޝްރޫއު މި އަހަރު ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

