ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއަރމަން، ޖެނެރަލް ސާހިރް ޝަމްޝާދް މިރްޒާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިކަމަށްޓަކައި ބުރާސްފަތި ދުވަހު ހެނދުނު، ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖެނެރަލް މިރްޒާއަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.

ދެ ބޭފުޅުންގެ މަޝްވަރާތައް ބިނާކުރައްވާފައިވަނީ، ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުން ގުޅިގެން ކުރެވިދާނޭ މަސައްކަތްތަކުގެ މައްޗަށެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި ޖެނެރަލް މިރްޒާ ވަނީ، އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުންމަތީ ދެމިތިބުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ހިއްސާކުރާ އަޒުމު ތަކުރާރުކުރައްވާފައެވެ.