އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް ( ފީފާ)ގެ ރައީސް ޖިއަނީ އިންފަންޓީނޯ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ރާއްޖެއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

އަދި ވަގުތު ހުސްކުރައްވައިގެން ރާއްޖެއަށް ވަޑައިގަތުމުން ރައީސް، އެކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އެމަނިކުފާނުގެ ސަރުކާރުން ދިވެހިރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރެއްވުމަށް ހާއްސަ އަހައްމިއްޔަތެއް ދެއްވާ ކަމަށާއި، ފުޓްބޯޅަ އަކީ ދިވެހިންގެ އެންމެ މަގްބޫލު ކުޅިވަރުކަން ފާހަގަކުރައްވައިފައެވެ.

އަދި، ދިވެހި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމުގައި ފުޓްބޯޅައަކީ މުހިންމު ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ސަރުކާރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަހަރާއި އަންނަ އަހަރު، ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރެއްވުމަށް ކުރައްވަމުންގެންދަވާ އުމުރާނީ މަސައްކަތްތަކާއި އެހެނިހެން ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެ ޖަމުއިއްޔާގެ އިސްވެރިންނަށް، ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް ( ފީފާ )ގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މިވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ގަބޫލުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ނަމަވެސް މިހާރު އަންނަމުންދާ ކުރިއެރުންތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މިހާރުގެ އިސްވެރިންގެ މަސައްކަތަށް ތައުރީފުކުރައްވާ، ފީފާއިން ދެމުންދާ އެއްބާރުލުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރާއްޖޭގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މުޅިދުނިޔެއަށް، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އެއްވަރަށް ފުޓްބޯޅައިގައި ހޯދާކާމިޔާބީ ވެސް ވިދާލާނެ ކަމުގައި ފީފާގެ ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި ފީފާގެ ރައީސް ވަނީ ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރެއްވުމަށް އެއްބާރުލުންދެއްވުމާއި އެފްއޭއެމް ކުރިއެރުވުމަށް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެބޭފުޅުންވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.