ގައުމެއް ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ، އެ ގައުމެއްގެ ރައްޔިތުންގެ ވިސްނުމާއި ހުނަރު ބޭނުންކޮށްގެން އަމިއްލަ ސަލާމަތް ހޯދުމުގެ ގާބިލުކަން ލިބިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ކްލިކް ކޮލެޖްގެ ރިހިޔޫބީލް ފާހަގަކުރުމަށް، މިރޭ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ، ތައުލީމީ ނިޒާމުގައި ސިއްހަތު، އައު ވިސްނުންތައް، އަދި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަށް އިސްކަންދެވެނީ ދަރިވަރުންގެ ފިކުރީ އަދި ޢަމަލީ ގާބިލިއްޔަތު ކުރިއެރުވުމަށްކަމަށެވެ.

މީގެއިތުރުން، އުފެއްދުންތެރިކަން، ވިޔަފާރި، އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރެވެނީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އަހުލާގު ރަނގަޅު، ހަރުދަނާ އަދި ޒިންމާދާރު ޖީލެއް އުފެއްދުމަކީ އުފާވެރި މުސްތަގުބަލެއް ހާސިލުކުރުމަށާއި، ގައުމަށް އުފެއްދުންތެރިކަމާއި ކުރިއެރުން ގެނެސްދޭނެ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

އަދި އެ ޖީލުގެ ސަބަބުން އަމާންކަމާއި ރައްކާތެރިކަން، އޭގެ ހުރިހާ މާނައެއްގައި ޔަގީންކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ތައުލީމުގައިވެސް އަދި ސަރުކާރުން ދެމުން ގެންދާ ތައުލީމުގައިވެސް މި މުހިންމު އަސާސްތައް ދެމެހެއްޓިފައިވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކްލިކް ކޮލެޖުން ކުރިއަށްގެންދަވާ ތައުލީމީ ޕްރޮގްރާމުތަކަށް އިޝާރާތްކުރައްވައި އެކަމަނާ ވިދާޅުވީ، އެފަދަ ދަރިވަރުން އުފެއްދޭނެ ފަދަ ޕްރޮގްރާމްތައް ކްލިކް ކޮލެޖްގައި ކުރިއަށް ގެންދަވާ ކަމަށެވެ.

އެކަމަނާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތައުލީމީ ތާރީހުގައި އަމިއްލަ އެކި ފަރާތްތަކުގެ އިސްނެގުމާއި ހިދުމަތް، މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވައި، ގައުމު ބިނާކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމުގައި ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހީންގެ ބަހާއި ސަގާފަތާއި އާދަކާދަތަކަށް ކަމޭހިތާ، ޒަމާނަށް ލޯހުޅުވިފައިވާ، އުފެއްދުންތެރި، ނަޒާހަތްތެރި ޖީލެއް ބިނާވެގެން އައުމަށް އުއްމީދު އައުކުރައްވަމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ކްލިކް ކޮލެޖުގެ ފަރާތުން ދެއްވާ އެއްލައްކަ ރުފިޔާގެ ހާއްސަ ސްކޮލަރޝިޕް ލިބިވަޑައިގެންނެވި ފަރާތަށް އިނާމު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާއެވެ.

މި ރަސްމިއްޔާތުގައި ކްލިކް ކޮލެޖަށް ދިގުމުއްދަތަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ހާއްސަ އިނާމު ހަވާލުކޮށްދެއްވާފައިވެއެވެ.