ޅ. ކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ.
އެމްޓީސީސީން އެމަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްދޫ ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.
އެ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކަޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.
އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީއާއި ކުރެންދޫ ކައުންސިލުގެ މެންބަރުން އަދި ސަރުކާރު އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 53.36 މިލިޔަން ރުފިޔާއަށް 450 ދުވަހުން ނިންމާ ހަވާލުކުރާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން 36،363 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 63 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 415 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 243 މީޓަރު ދިގު ދެ މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުން ހިމެނެއެވެ.

