ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓު އަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ކ. އަތޮޅު އަދި ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިންނަވަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ ރަށުގައި ކުރިއަށްދާ ހައުސިން މަޝްރޫއުގެ މަސައްކަތް ވަނީ މަޑުޖެހިފައި ކަމަށެވެ.
ރައީސް ވިދާޅުވީ އެ ހައުސިން ޔުނިޓުގެ މަސައްކަތް ކުރާ ކުންފުނިން އެ މަސައްކަތް ހުއްޓާލާފައިވަނީ ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ އޮތުމުގެ ސަބަބުން ނޫން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ހިންނަވަރުގެ ހައުސިން މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުންޏާ ވާހަކަދައްކައިގެން މަޝްރޫއުގެ މަސައްކަތް ފެށޭތޯ ބެލިނަމަވެސް އެކަން ކުރެވިފައިނުވާތީ، އެއްބަސްވުން ބާތިލުކޮށް، ހައުސިން ޔުނިޓުގެ މަސައްކަތް ކުރެވޭނެ ފަދަ ގާބިލު ކުންފުންޏަކާ އެކަން ހަވާލުކުރާނެކަމަށެވެ.
”ކުންފުނި ލައްވާ މަސައްކަތް ކުރުވަން ވަރަށް މަސައްކަތް ކުރެވިއްޖެ، އެކަމަކު އެކަމެއް ނުހިނގި. ގާނޫނާއި ގަވާއިދުގެ ތެރެއިން ސަރުކާރުން އެ މަސައްކަތް ޓާމިނޭޓްކޮށްގެން އަލުން ބަޔަކާ ހަވާލުކުރަން ނިންމާފައިވަނީ. އެކަން ކުރާނެ ސަރުކާރުން. ބޭނުންވަނީ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ބޯހިޔާވަހިކަން ހޯދައިދިނުން“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ހިންނަވަރުގެ ބިން ހިއްކައިފައި އޮތް ނަމަވެސް އެ ބިމުގެ ބޭނުން އެންްމެ ރަނގަޅަށް ކޮށްފައިނުވާކަން ފާހަގަކުރައްވައި، ހިއްކި ސަރަހައްދުގެ ބިން ރަށުގެ ރައްޔިތުން އެކިއެކި ބޭނުންތަކަށް ބޭނުންކުރަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

