ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު، ޅ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ނައިފަރަށް މިއަދު ހަވީރު ވަޑައިގެން އެ ރަށުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ބްލިސް ކެއަރ ކްލިނިކަށް ޒިޔާރަތްކުރައްވައި، އެތަނުގައި އެކި ކަހަލަ ފަރުވާ ހޯދަމުންދާ ކުދިންނާ ބައްދަލުކުރައްވައި، އެކުދިންނާއެކު ވަގުތުކޮޅެެއް ހޭދަ ކުރައްވައިފިއެވެ.

ރައީސްގެ މި ޒިޔާރަތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެ ކްލިނިކުގައި ދެމުންގެންދާ ފަރުވާގެ ތަފްސީލީ މައުލޫމާތު ހޯއްދެވިއެވެ.

އަދި އަމިއްލަ ފަރާތަކުން މިހާ މުހިންމު މަސައްކަތެއް ކުރައްވަމުންގެންދަވާތީ އެކަން ފާހަގަކުރައްވައި އެ ތަނުގެ އިސްވެރިންނަށް ރައީސް ހިތްވަރުދެއްވިއެވެ.

މި ކްލިނިކުގައި ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަރަލް ތެރަޕީ އަދި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ގެ ހިދުމަތް ދެމުންގެންދެއެވެ.

ބްލިސް ކެއަރ ފައުންޑޭޝަންގެ ދަށުން ހިންގާ، މި ކްލިނިކް ހުޅުވީ 2024 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.

މި ކްލިނިކްގައި 100 އަށް ވުރެ ގިނަ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ރަޖިސްޓްރީކޮށްފައިވާއިރު، ޖުމުލަ 16 ތެރަޕިސްޓުން ފަރުވާދިނުމުގައި ހަރަކާތްތެރިވެއެވެ.

ނައިފަރުގައި ހުންނަ މި ކްލިނިކުން ޅ އަތޮޅުގެ އިތުރުން ނ އަތޮޅުން ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިން ފަރުވާ ހޯދަން އަންނަ ކަމަށް ބްލިސް ކެއަރ ފައުންޑޭޝަނުން މައުލޫމާތުދެއެވެ.