ރައީސް ޑރ. މުހައްމަދު މުއިއްޒު ކ.ދިއްފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ދިއްފުށީ ޕްރީސްކޫލްގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން ކައުންސިލުން ވަނީ، ރަށުގައި މަތީ ސާނަވީއަށް ރަށުގައި ކިޔަވަދިނުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށާއި ސިއްހީ މަރުކަޒުގައި އެކްސް-ރޭ އާއި ސްކޭން ހިދުމަތްތަކާ އަދި ކޮންފަރެންސް ހޯލެއް ގާއިމުކޮށްދެއްވައި ސައުވީސް ގަޑިއިރު ހިދުމަތްދޭ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި ރަށުގެ ސިނާޢީ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކޮށްދެއްވުމަށާއި ރަށުގައި އިތުރު މިސްކިތެއްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ.
މީގެ އިތުރު ރަށުގެ މަގުތައް ލޯކަލް ޓޫރިޒަމާ ރައްޓެހިގޮތަކަށް ތަރައްގީކޮށްދެއްވުމަށާއި ރަށުގައި ފުލުހުންގެ އައު މަރުކަޒެއް ބިނާކުރުމުގެ މުހިންމުކަން ކައުންސިލް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރަށުގެ ޒުވާނުންނަށް ހާއްސަކޮށް ހޭންޑްބޯލް އަދި ވޮލީ ކޯޓެއްގެ އިތުރުން ރަށުގައި ޔޫތު ސެންޓަރެއް ގާއިމުކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.

