ކ. ތުލުސްދޫގައި ސަރުކާރުން ތަރައްގީ ކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ތުލުސްދޫއަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ތުލުސްދޫ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަންނަ އަހަރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައި ވަނީ ވެސް އެ ދާއިރާގެ ތަރައްގީއަށެވެ.

