ބަންޑް ވޯލް ޖެހުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ބޭރު ތޮށިލުން ހިމެނޭހެން، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި، ކ.ދިއްފުށީގައި 23 ހެކްޓަރުގެ ބިންހިއްކައި ނިމޭނޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކ.އަތޮޅުގެ މީހުން ދިރިއުޅޭ ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ދިއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު އެ ރަށުގައި އަމަލީ ގޮތުން ފެށި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދިއްފުއްޓަކީ ތޮއްޖެހިފައިވާ ބައިބޯ ރަށެއް ކަމުގައިވާތީ، އެ ރަށަށް ބިން އިތުރުކުރުމަކީ، އެ ރަށު ރައްޔިތުން އެތައް އަހަރެއްވަންދެން ކުރަމުންދިޔަ އުއްމީދެއްކަމަށެވެ.

އަދި މިއަދު ފެށި މަޝްރޫއުގެ ދަށުން، ދިއްފުއްޓަށް 23 ހެކްޓަރުގެ ބިން އިތުރުކުރެވުމުން، ރަށުގެ ބިމުގެ ޖާގަ ގާތްގަނޑަކަށް ދެގުނައަށް އިތުރުވާނެ ކަމަށާއި، އެއާއެކު، އެ ބިމަކީ، ބޯހިޔާވަހިކަމަށާއި، ރަށު ފަތުރުވެރިކަމަށާއި، އުމްރާނީ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނޭ މުހިންމު ވަސީލަތަކަށް ވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، ރަށުގެ ތަރައްގީއަށް މުހިންމު އިތުރު މަސައްކަތްތަކެއްވެސް ފައްޓަވައިދެއްވާފައެވެ.

އެގޮތުން، ދިއްފުށީގައި ކުނި މެނޭޖުކުރާ މަރުކަޒާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ދިއްފުށީ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އަދި އުމްރާނީ ވަސީލަތް ބިނާކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި، ދިއްފުށީގައި ގާއިމުކޮށްފައިވާ ސްޓެލްކޯގެ އައު އިންޖީނުގެ މިއަދު ވަނީ، ހުޅުއްވައިދެއްވާފައެވެ.

މީގެ އިތުރުންވެސް، ރަށުގައި އިތުރު މިސްކިތެއް ބިނާކުރުމާއި، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ސްޕޯޓްސް ފިޝިން ބޮއި އެޅުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނެކަން ރައީސް މިއަދު އިއުލާނު ކުރެއްވިއެވެ.

އަދި އަންނަ އަހަރުގެ މާޗު ނިމުމުގެ ކުރިން އެ ރަށުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.