ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދަވަނީ ނަމޫނާ ހިދުމަތުގެ މިސާލެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ނުވަނީސް، ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލުތަކާ ބައްދަލުކުރެއްވުމާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ރައީީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން ހިދުމަތް ކުރެއްވުމުގެ ވަރުގަދަ އަޒުމްފުޅުގައި ކަމަށެވެ.
”މިއަދު ކ.ތުލުސްދޫއަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ވެރިކަމުގެ ފުރަތަމަ ދައުރުގައި އެމަނިކުފާނަށް އެވަނީ ޒިޔާރަށް ކުރެއްވިފައި. މިހާ އަވަސް މުއްދަތެއްގެ ތެރޭގައި އެހެން ވެރިއަކު މި ލަނޑުދަނޑި ހާސިލްކުރައްވާފައި ނުވޭ.“ ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، ރައީސް މުއިއްޒު ގެންދަވަނީ ކޮންމެ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ގާތުން ބައްލަވައި، އެތައް ސަތޭކަ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވާ، އަދި ބައެއް މަސައްކަތްތައް ހަލުވިކަމާއެކު ނިންމަވައި އިފްތިތާހު ކޮށްދެއްވަމުން ކަމަށެވެ.
ދިވެހި ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވައި އެމަނިކުފާނު މިއަދު ދައްކަވަމުން އެގެންދަވަނީ ނަމޫނާ ހިދުމަތުގެ މިސާލެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

