ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމުގެ މަގާމަށް ހުސްނީ މުބާރިކް އައްޔަނު ކުރައްވައިފިއެވެ.
މި މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ/ގަސްކަރަ ހުސްނީ އައްޔަނު ކުރައްވާފައި ވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި، ހުސްނީ ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައެވެ.
ހުސްނީއަށް މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހުސްނީއާއި ހަވާލު ކޮށްދެއްވާފައެވެ.
ރައީސް، ޖޭއެސްސީގެ މެންބަރުކަމަށް ހުސްނީ އައްޔަނު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

