ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު އެކައުންޓުން މުއާމަލާތްކުރުމަށް ހާއްސަކޮށްގެން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފުކޮށްފިއެވެ.

އެ ކާޑުގެ ހާއްސަ ފީޗާތަކުގެ ތެރޭގައި ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކު ނެގޭ ފައިސާގެ އަދަދުގެ ދެގުނަ އިތުރުވާނެއެވެ. މިގޮތުން 3,200 ޑޮލަރު ނެގޭނެއެވެ.

އަދި ދުވާލެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރުމަށް ދުވާލަކަށް 5,000 ޑޮލަރު ލިބޭނެއެވެ.

މީގެ އިތުރުން، ވިސާގެ ބައިނަލްއަގުވާމީ އޮފާތަކާއި، 24 ގަޑިއިރު ވީސާ ޕްލެޓިނަމް ކޮންސިއާޖް ހިދުމަތް ލިބޭނެއެވެ.

އެކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެ ކާޑަކީ ކަސްޓަމަރުންގެ ޑޮލަރު އެކައުންޓްތަކުގައި ހުންނަ ފަންޑުތަކަށް ފަސޭހައިން ވާސިލުވެ، ޕްރިމިއަމް ފެންވަރުގެ ތަޖުރިބާވެސް ލިބޭނެ ކާޑެއް ކަމަށެވެ.

”އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް އިންޓަނޭޝަނަލް ބޭންކިން ހިދުމަތްތައް އިތުރަށް ފުރިހަމަކޮށްދިނުން. މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިން ތަޖުރިބާ އިތުރަށް ހަރުދަނާ ކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކުރެވުނު ކާޑެއް،“ ޝަރީފު ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ އިންޓަނެޓް އަދި މޮބައިލް ބޭންކިން މެދުވެރިކޮށް، ކަސްޓަމަރުންނަށް މިހާރު މި ކާޑަށް އެދި ހުށަހެޅޭނެ ކަމަށެވެ.