ޒަކާތު ހައުސްއިން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 14 ފަރާތަކަށް، ސަރުކާރުން ދޭ ސޯޝަލް ހައުސިން ފްލެޓަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ދައްކައިދިނުމަށް ނިންމައިފިއެވެ.
މިކަމަށްޓަކައި ޖުމްލަ 340,000 ރުފިޔާ ޒަކާތު ފަންޑުން ހޭދަކުރާނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
މި ނިންމުން ނިންމާފައިވަނީ ފަގީރުކަމުގެ ސަބަބުން މި ފަރާތްތަކަށް ޑައުންޕޭމަންޓް ދެއްކުމަށް ދަތިވެފައިވާކަން ފާހަގަވުމާ ގުޅިގެންނެވެ.
ޒަކާތު ހައުސްއިން ބުނީ، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން ފާހަގަވެފައިވެއެވެ.
މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޒަކާތު ކައުންސިލަށް ހުށަހަޅައި މަޝްވަރާކުރުމަށް ފަހު، 14 ފަރާތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 340,000 ރުފިޔާ ޒަކާތު ފަންޑުން ދައްކައިދިނުމަށް ނިންމުނީއެވެ.
މި ފައިސާ ޒަކާތު ހައުސްއިން ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްދިނުމުގެ ބަދަލުގައި، ދައްކާނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށެވެ.
އަދި އެއަށް ފަހު، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކޮށް ބެލުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދެވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ.
އެމަނިކުފާނު މި އިދާރާ އުފައްދަވައި، ފަގީރުންގެ ކަންކަމަށް ފުޅާ ދާއިރާއެއްގައި ހޭދަކުރުމުގެ މަސްއޫލިއްޔަތު ވަނީ ޒަކާތު ހައުސްއާ ހަވާލުކުރައްވާފައެވެ.
މި މަސްއޫލިއްޔަތާއެކު، ފަގީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ހާލަތަކަށް ގެނައުމަކީވެސް ޒަކާތު ހައުސްގެ ވަރަށް މުހިއްމު މަގުސަދެކެވެ.
އެގޮތުން، ޒަކާތު ހައުސްއިން މިހާރު ދަނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ”ޒަކާތު ބެނެފެޝިއަރީ ކާޑެއް“ ތައާރުފު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
މި ކާޑު ތަޢާރުފް ވުމުން، ސިއްހީ ހިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ހަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރަމަޟާންމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެއެވެ.
ޒަކާތު ހައުސްއިން ފާހަގަކުރައްވާ ގޮތުގައި މިކަންކަމަކީ، އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ ކަމެކެވެ.

