ދ. ބަނޑިދޫ އާއި އެ އަތޮޅު މީދޫގައި ގާއިމުކުރި އައިސްޕްލާންޓް ރަސްމީކޮށް ހުޅުވައިފިއެވެ.
އެ ދެ އައިސްޕްލާންޓް ރަސްމީކޮށް ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ދެ ރަށުގައިވެސް މިފްކޯއިން ގާއިމުކުރީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެއް ކަމަށެވެ.
އަދި މި އައިސް ޕްލާންޓުތަކުގެ ސަބަބުން، އެ ދެ ރަށާއި އެ ސަރަހައްދުގެ މަސްވެރި ރަށްތަކުގެ މަސްވެރިންނަށް މަސް ގަނޑުކުރުމަށް ބޭނުންވާ އައިސް ލިބުމުގައި ކުރިމަތިވާ ދަތިކަން ހައްލުވެ، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި މި އައިސްޕްލާންޓްތަކަކީ މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ދެ އައިސްޕްލާންޓް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ދ. އަތޮޅުގެ މަސްވެރިންނަށް އައިސްގެ ދަތިކަމެއް ކުރިމަތިނުވެ، އެމީހުންގެ މަސްވެރިކަން އިތުރަށް ހަރުދަނާކޮށް، އާމްދަނީ އިތުރުކުރުމަށް އެހީތެރިވުން ކަމަށެވެ.
މި ދެ މަޝްރޫއުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް އާ ހިތްވަރެއް ލިބި، ރަށު އިގުތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

