އަންނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި 5.3 ޕަސަންޓުން ކުރިއަރާނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ބުނެފިއެވެ.

އަންނަ އަހަރަށް ލަފާކޮށް، 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ހުށަހަޅައިފައެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މި އަހަރު ރާއްޖޭގެ އިގުތިސޯދީ ދުވެލި ބާރުވެ، 5.4 ޕަސެންޓުން ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި 5.3 ޕަސެންޓް ކުރިއަރާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

އަދި އަންނަ އަހަރާއި 2028 ވަނަ އަހަރާ ދެމެދު ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން އެވަރެޖްކޮށް ހުންނާނެކަމަށް އަންދާޒާކުރެވެނީ 4.9 ޕަސެންޓްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލް ބޭނުން ކުރެވެން ފެށުމާއި ސަރަހައްދީ އެއާޕޯޓުތަކަށް ގެނެވުނު ކުރިއެރުމާއެކު، އަންނަ އަހަރާއި މެދުރާސްތާގައިވެސް ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރީންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާ ގުޅުން ހުރި އެހެނިހެން ދާއިރާތައްވެސް ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.