ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޮތުގައި ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށްޓަކައި، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ވަކި ތާރީހެއްގެ ކުރިން ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީގެ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިވާ ގޮތަށް އެ ސަރަހައްދުގައި ގިނަ އަދަދެއްގެ އުޅަނދުތައް ވަނީ އަޅާފައެވެ.
އެހެންވެ، ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފެށުމަށް، އެކަމަށް ޚާއްސަކޮށް އެކުލަވާލެވިފައިވާ ޗާޓެއްގައި ފާހަގަކުރެވިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް ބޭނުންވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އުޅަނދުތައް ނެގުމަށް ދީފައިވާ އެންމެ ފަހު ތާރީހަކީ 06 ނޮވެމްބަރ 2025 ގެ 00:00 އެވެ.
މި ތާރީހަށް ފަހު އެ ސަރަހައްދުގައި އުޅަނދެއް އޮތް ނަމަ، މަސައްކަތަށް ހުރަސް އެޅިގެންދާނެތީ، އެޗްޑީސީން ވަނީ މިކަމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.
މިގޮތުން ނެގޭ އުޅަނދުތައް މި ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާކަން ފާހަގަކޮށް އެޗްޑީސީން ބުނެފައިވަނީ، މި މަސައްކަތުގައި އާންމު ރައްޔިތުންނާއި އުޅަނދުތައް ގެންގުޅޭ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

