ނިމިގެން ދިޔަ ހަފްތާގައި ސްކޭމްތަކުގައި ގެއްލުނު 100،000 އަށް ވުރެ ފައިސާ ފުލުހުން ހޯދައިިފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 19ވަނަ ދުވަހުން ފެށިގެން މި މަހުގެ 25ވަނަ ދުވަހާ ހަމައަށް ސްކޭމްގެ 35 މައްސަލައެއް ހުށަހަޅާފައިވާ އިރު އެ މައްސަލަތަކުގައި 372،515.59 ރުފިޔާ ގެއްލިފައިވެއެވެ.

ހޯމް މިނިސްޓްރީން ބުނީ ގެއްލުނު ފައިސާގެ ތެރެއިން 148،781.94 ރުފިޔާ އަނބުރާ ހޯދައިފައިވާ ކަމަށެވެ.

އެންމެ ގިނައިން ހުށަހަޅާފައިވަނީ އީ ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ.

އެގޮތުން އެފަދަ 13 މައްސަލައެއް ހުށަހަޅާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

ސްކޭމްގެ މައްސަލަތުގެ ތެރޭގައި ބޭރު ފައިސާ މާރު ކުރުމާ ގުޅުންހުރި މައްސަލަތަކާއި އިމްޕާސަނޭޝަން ނުވަތަ މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި ތަފާތު ލިންކުތައް ފޮނުވައިގެންނާއި ވަޒީފާއާ ގުޅުންހުރި ސްކޭމްތައްވެސް ހިމެނެއެވެ.