ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފިރިހެން ޓީޗަރަކު ހައްޔަރުކޮށް، ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލް ޓީޗަރަކު އެ ސްކޫލުގެ ދަރިވަރުންތަކަކަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅިކަމަށެވެ.

މައްސަލަ ހުށަހެޅުމާ ގުޅިގެން ފުލުހުން ވަނީ މިމަހުގެ ހޯމަ ދުވަހު 40 އަހަރުގެ ދިވެހި ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފައެވެ.

ހައްޔަރުކުރި ޓީޗަރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ މަހުގެ ތެރޭގައި ހުޅުމާލޭގައި ދަރިވަރެއްގެ ގެއަށް ޓިއުޝަން ނަގައިދިނުމަށް ދިޔަ ދިވެހި ފިިރިހެން ޓީޗަރަކު 13 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކޮށްފައިވެއެވެ.