ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަދި ނޮވެންބަރު 3 ގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުވައިފިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް، ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަދި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ އެރުވީ ރައީސް މުއިއްޒެވެ.

މިއީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ޙަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ހަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ހިދުމަތުގެ އަގު، ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން އެރުއްވި އައްޑަނައެކެވެ.

ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި އާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.

ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ބޭފުޅުން؛

 

ޝަހީދު ސާރޖަންޓް ކުޑައާދަމް ކުޑަތުއްތު

ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތު މަނިކު

ޝަހީދު ކޯޕްރަލް ހުސައިން މުހައްމަދު

ޝަހީދު ކޯޕްރަލް މުހައްމަދު އިބްރާހީމް

ޝަހީދު ސާޖަންޓް އާދަމް ނަސީރު

ޝަހީދު ކޯޕްރަލް އަބްދުﷲ ޒުހައިރު

ޝަހީދު ކޯޕްރަލް މުހައްމަދު ހަސަން

ޝަހީދު ކޯޕްރަލް ހުސައިން އާދަމް

ޝަހީދު އިސްމާއީލް ހަލީމް

ޝަހީދު އިބްރާހީމް ހަމީޒު

ޝަހީދު އުމަރު އަހްމަދު

ޝަހީދު އަހުމަދު ލަބީބު

ޝަހީދު އިބްރާހީމް ހުސައިން

ޝަހީދު އަބްދުއްސައްތާރު އާދަމް

ޝަހީދު އަބްދުއްރަހުމާން އާދަމް

ޝަހީދު އަހުމަދު ރަޝީދު

ޝަހީދު ހަސަން ޒަރީރު

ޝަހީދު ޖަވާދު އުމަރު

ޝަހީދު ހުސައިން އަބްދުއްރަޙްމާން ( ދޮންމަނިކު )

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، 1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި އުދުވާނީ ހަމަލާ ފެށިގެންއައިވަގުތު ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ ހިތްވަރާއި، ދުޝްމަނުން ދިން ހަމަލާތަކުގައި އެންމެ ފުރަތަމަ ޝަހީދުވި ގދ. ތިނަދޫ، އަރިނަގާގޭ ޝަހީދު ކޯޕްރަލް އަބްދުﷲ އަށް ހާއްސަ ކުރެވިފައިވާ ވީޑިއޯ ކްލިޕެއްގެ އިތުރުން އެކިއެކި ޑިއުޓީތަކުގައި އުޅުއްވަނިކޮށް ޝަހީދުވި ސިފައިންގެ ބޭކަލުންނަށް ހާއްސަ ކުރެވިފައިވާ ހުށަހެޅުމެއް ވަނީ ދައްކާލާފައެވެ.

1988 ނޮވެންބަރު 3ގެ އުދުވާނީ ހަމަލައިގައި ޝަހީދުވި ސިފައިންގެ އާއިލާތަކާއި އަދި އެ ދުވަހު ދެއްކި އާދަޔާ ހިލާފު ހިތްވަރު ފާހަގަކޮށް، ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް، މިއަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެން، ސަރުކާރުން ވަނީ އިނާޔަތް ދޭން ފަށާފައެވެ.