ގަތަރުގެ ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ، ”ސެކަންޑް ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓް“ ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ރޭ ފުރާވަޑައިގެންފިއެވެ.

މި ސަމިޓްގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެން އިޖްތިމާއީ ތަރައްގީ ކުރިއެރުވުމާއި، ފަގީރުކަން ނައްތާލުމާއި، ވަޒީފާގެ ބާޒާރު ހަރުދަނާކުރުމާ، ޝާމިލް މުޖްތަމައުއެއް ބިނާކުރުމާބެހޭގޮތުން، މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްވަރާތައް ކުރިޔަށްދާނީ 2030 ވަނަ އަހަރާ ހަމަޔަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅުވައިގެންނެވެ.

އދގެ އާންމު މަޖިލީހުން ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން މިއަހަރުގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 4 ން 6 ށް ގަތަރުގެ ދޯހާގައެވެ.

އެންމެފަހުން ބޭއްވި ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓް ބާއްވާފައިވަނީ 1995 ވަނަ އަހަރު ޑެންމާރކުގެ ކޯޕަންހޭގަންގައެވެ.

މި ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން، ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.