ލަންކާގެ ބޯޓަކަށް 355 ކިލޯ މަސްތުވާތަކެތި ބަރުކުރީ ރާއްޖެ ސަރަހައްދުން ކަމަށްބުނެ ލަންކާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ޚަބަރު ދިވެހި ފުލުހުން ދޮގުކޮށްފިއެވެ.
ދިވެހި ފުލުހުން މިއަދު ބުނީ، 355 ކިލޯގެ މަސްތުވާތަކެއްޗާއެކު ލަންކާ ނޭވީން އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ލަންކާގެ ރަސްމީ އިދާރާތަކުން ދިވެހި ފުލުހުންގެ ހިދުމަތަށް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.
ފުލުހުން މިހެން ބުނެފައިވާއިރު، ލަންކާގެ މީޑިއާތަކުގައި އެޤައުމުގެ ސަލާމަތީ ބާރުތަކާ ޙަވާލާދީ ބުނެފައިވަނީ، މިބޯޓަށް މަސްތުވާތަކެތި ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުންނެވެ.
އަދި އާދީއްތަ ދުވަހު ހެނދުނު ސްރީ ދޭވީ ނަމަކަށްކިޔާ ބޯޓު ލަންކާ ނޭވީގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ލަންކާ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
އެ ބޯޓުން ހަ މީހަކު ހައްޔަރު ކޮށްފައިވާއިރު، ޖުމުލަ 335 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.
އެއަށްފަހު ސްރީ ދޭވީ ބޯޓު ދިކޮވިޓާ ބަނދަރަށް ގެންގޮސް ޗެކް ކޮށްފައިވާއިރު 251 ކިލޯ 18 ގްރާމް ކްރިސްޓަލް މެތާއި 85 ކިލޯ ހެރޮއިން ފެނިފައިވެއެވެ.
އެތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 5 ބިލިއަން ރުޕީސްއެވެ.
މި ބޯޓުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު މި މަހުގެ އަށްވަނަ ދުވަހާއި ހަމައަށް ވަނީ އިތުރުކޮށްފައެވެ.

