އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ތައުލީމަށާއި ލިޔުންތެރިކަމަށާއި އަދަބިއްޔާތައް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި އިސްލާމްދީނަށް ހޭލުންތެރިކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހާސިލު ކުރައްވާފައިވާ އިލްމުވެރިޔާ އިބްރާހީމް ރަޝީދު މޫސާގެ ލޮބުވެތި އަނބިކަނބަލުން ސާމިޔާ ލަތީފް އަވަހާރަވުމުގެ ހިތާމައިގާ އެ އަޒއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
ސާމިޔާ މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ދަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން ސާމިޔާ ލަޠީފް އަވަހާރަވީ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.

