ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ފުރުސަތު ނުދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.
އެ ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސްއެވެ.
އެ ގަރާރުގައި ބުނީ، މިޔަރުގެ އާއިލާގެ ބާވަތްތަކަކީ ލަހުން ބޮޑުވާ، ދަރިމައިވާ، އަދި ވިހާ ފަހަރަކު މަދު އަދަދެއް ވިހާ ބާވަތްތަކެއް ކަމަށެވެ.
އަދި ކަނޑުގެ ނިޒާމުގައި މިޔަރުގެ ބާވަތްތައް މުހިންމު ދައުރެއް އަދާކުރާ ކަމާއި، އެގޮތުން ކަނޑުގެ އެހެނިހެން ދިރުންތައް ކޮންޓްރޯލްކޮށް ކަނޑުގެ ސިއްހަތު ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
އެހެންވެ ކަށިމިޔަރުގެ މަސްވެރިކަމުގެ ސަބަބުން މިޔަރުގެ އާބާދީ ދަށްވާނެ ކަމަށާއި ނަތީޖާއެއްގެ ގޮތުން މަސްމަހާމެހީގެ އާބާދީއަށް ބަދަލު އައިސް ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ ހަމަޖެހުން ގެއްލި، ދިގު މުއްދަތުގައި މަސްވެރިކަމަށް އަސަރުކުރާނެ ކަމަށް ގަރާރުގައިވެއެވެ.
ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނީ މި މަހުގެ 1 ގައެވެ.
އައްބާސްގެ ގަރާރުގައި ބުނީ ކަށިމިޔަރުގެ މަސްވެރިކަން ކުރަން ފުރުސަތު ދިނުމުން ދިވެހި މަސްވެރިކަމުގެ އިތުރުން، ފަތުރުވެރިކަމަށް ވެސް ގެއްލުންވެ، ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ރަނގަޅު ނަން ކިލަނބުވެގެން ދާނެ ކަމަށެވެ.

