ހުޅުމާލެ ފޭސް ތިނެއްގެ ފަޅުތެރެއިން ބިން ހިއްކަމުންގެންދާ ސަރަހައްދު ބޭނުންކުރާ އުޅަނދުފަހަރު އެޅުމަށް އެހެން ތިން ސަރަހައްދެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައަޅައިފިއެވެ.

އެޗްޑީސީން  ކުރި އިއުލާނުގައިވާ ގޮތުން ބިން ހިއްކާ ސަރަހައްދުތަކުގައި އަޅާފައިވާ އުޅަނދުތައް ރޭ 12:00 ގެ ކުރިން އެ ސަރަހައްދުން ނެގުމަށްފަހު، ބިން ހިއްކުމުގެ މަސައްކަތްތައް ނިމެންދެން ވަކި ސަރަހައްދުތަކެއް ބޭނުން ކުރެވޭނެގޮތަށް ވަނީ ކަނޑައަޅައިފައެވެ.

އެ ސަރަހައްދުގެ ބިން ހިއްކަމުންގެންދާ ސަރަހައްދުގައި މަސައްކަތްތަކަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް މިދިޔަ މަހު ކޮށްފައިވާ އިއުލާނާ އެއްގޮތަށް، ހުޅުމާލެ ފަޅުތެރޭ ބޭނުންކުރަމުންދިޔަ އުޅަނދުތައް ވަގުތީގޮތުން އެޅުމަށް ކ. އަތޮޅުން ވަނީ ތިން ސަރަހައްދެއް އެޗްޑީސީން ކަނޑައަޅައިފައެެވެ.

އެގޮތުން ސަފާރީ އެޅުމަށް ގުޅިފަޅާއި، ކުޑަގިރި އަދި ތިލަފުށީގެ ފަޅުތެރެއިން އުޅަނދުތަކަށް ވަކި ސަރަހައްދުތަކެެއް ބޭނުންކުރުމަށް ހާއްސަކޮށްފައިވެެެއެެވެ. އަދި ދޯނިފަހަރާއި އެހެނިހެން އުޅަނދުފަހަރު އެޅުމަށް ގުޅިފަޅާއި، ތިލަފުށީގެ ފަޅުތެރެއިން އުޅަނދުތަކަށް ވަކި ސަރަހައްދުތަކެެއް ބޭނުންކުރުމަށް ހާއްސަކޮށްފައިވެެެއެެވެ.

 

ބިން ހިއްކުމަށް ހުސްކުރާ ސަރަހައްދު އަދި ސަފާރީތައް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ދައްކުވައިދޭ ޗާޓުތައް:

 

އެޗްޑީސީގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ދޭ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.