ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތުގެ ތަފްސީލު އެ ރިސޯޓުގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިއަދު ހިއްސާކުރައްވައިފިއެވެ.
ރައީސް ފުވައްމުލަކާއި އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ވަޑައިގެންފައެވެ.
އެމަނިކުފާނު އެ ރިސޯޓަށް ވަޑައިގަތުމުން ކުންފުނީގެ މެނޭޖްމަންޓްގެ ފަރާތުން މިއަދު ވަނީ ރިސޯޓު ހުޅުވުމުގެ ކުރިން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލު ޕްރެޒެންޓޭޝަނެއް އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ.
އެގޮތުން މި އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ހުޅުވުމަށް ރިސޯޓްގެ އޯނަރުން އަދި މެނޭޖްމަންޓުން ވަމުންދާ ތައްޔާރީތަކުގެ ތަފްސީލު ހިއްސާ ކުރެއްވިއެވެ.
އޭގެތެރޭގައި ރިސޯޓުގެ ވޯޓަރ ވިލާތަކާއި،ރެސްޓޯރަންޓް ތަކާއި ޑެކިން ރަނގަޅުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ މައުލޫމާތު ރައީސްއަށް ދެއްވިއެވެ.
އަދި ރިސޯޓު ބަންދުކޮށްފައިވީ ނަމަވެސް ތަނުގެ މަރާމާތުކޮށް ރަނގަޅަށް ބަލަހައްޓަވަމުން ގެންދަވާކަމަށް މެނޭޖްމަންޓުން ވަނީ ފާހަގަކުރައްވާފައެވެ.
ޕްރެޒެންޓޭޝަނަށް ފަހު ރިސޯޓްގެ ފަރާތުން ވަނީ ރައީސް އަށް، ރިސޯޓްގެ ހުޅުވުމަށް ވަމުންދާ ތައްޔާރިތައް ދައްކާލެއްވުމަށް ހާއްސަ ޓުއަރ އެއް ދެއްވާފައެވެ.
މި ޓުއަރގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ އިސްވެރިންނާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ތަމްސީލު ކުރައްވާ ބައެއް މެމްބަރުންވެސް ބައިވެރިވަޑައިގެންނެވިއެވެ.
2009 ވަނަ އަހަރު އައްޑޫ ސިޓީގައި ހުޅުވި، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާރިޗް މަހުގެ ކޮވިޑާއި ގުޅިގެންނެވެ.
ލަގްޒަރީ ފެންވަރަށް ހިދުމަތް ދިނުމަށް ތަރައްގީކޮށްފައިވާ މި ރިސޯޓްގައި 284 އެނދު ހުރެއެވެ.

