ހދ. ވައިކަރަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއެކު ޤުރުއާން ސެންޓަރެއް އެޅުމަށް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ބައިވެރިވެލައްވާފައެވެ.

މީގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.

މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. މޫސާ އަންވަރު ހަސަންއެވެ.

އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޔޫނުސް އިބްރާހިމްއެވެ.

މި މަޝްރޫއުގެ ދަށުން މިސްކިތުގެ އިތުރުން ޒަމާނީ ކުލާސްރޫމާއި ލައިބްރަރީ އަދި ކޮންފަރެންސް ހޯލެއްގެ އިތުރުން އިދާރީ އޮފީސް ބަޔާއި ހިނަވާގެ ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.