”ވަރަ“ އެކްސްޕޯގެ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކްގައި ފެށި އެކްސްޕޯގައި ކެރިއަރ ގައިޑަންސް އަދި ގިވްއަވޭތަކާއެކު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގިނަ ސްޓޯލްތަކެއް ބަހައްޓައިފިއެވެ.
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސްޕޯ އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
އެޗްޑީސީން ވިދާޅުވީ މި އެކްސްޕޯގައި އެޗްޑީސީގެ އެކި ޑިޕާޓްމަންޓްތަކުގެ ފަރާތުން ޖުމްލަ ނުވަ ސްޓޯލެއް ބަހައްޓާނެ ކަމަށެވެ. އޭގެ ތެރޭގައި ކެރިއާ ގައިޑެންސް ދިނުމާއި ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން އެކި ކަހަލަ ގޭމްތައްވެސް ހިމެނޭ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
އަދި، އެއާއެކު އެކްސްޕޯއަށް ޒިޔާރާތްކޮށް، އެޗްޑީސީގެ ކިއުއާރު ކޯޑު ސްކޭންކޮށްގެން ފަރުކޮޅުފުށި ވެޑިން ވެނިއުއެއް އަދި ކުޑަގިރި ދަތުރެއް ހޯދުމުގެ ފުރުސަތުވެސް އެބައޮތެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯ އިފްތިތާހުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

މި އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން ހޯދައިދީ، ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
ވަޒީފާގެ މާހައުލަށް އަލަށް ނުކުންނަ ޒުވާނުންނަށް ކެރިއާ ގައިޑެންސް ދިނުމަށް އެޗްޑީސީން އެޕްރެންޓިސްޝިޕް ޕްރޮގުރާމުތައްފަދަ ގިނަ ހަރަކާތްތަކެއް އަބަދުވެސް ކުރިއަށްގެންދެއެވެ.

