ތ. އަތޮޅު ގުރައިދޫއާއި ތިމަރަފުށީގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.

އެކަން ހާމަކޮށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ، ގުރައިދޫ އަދި ތިމަރަފުށީގައި އައިޑީ ކާޑު ހިދުމަތް ފަށާފައި ވާކަމަށެވެ.

އަދި މީގެ ކުރިން އެ އަތޮޅު ވޭމަންޑޫ އާއި ވިލުފުށީ ގައި ވެސް އައިޑީ ކާޑުގެ ހިދުމަތް ފަށާފައި ވާކަމަށް ޑީއެންއާރްއިން ބުންޏެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

މި ސަރުކާރުން ވަނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅެއްގައި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ވެސް ފަށައިފައެވެ. މިފަދަ ހިދުމަތްތައް ރަށްރަށުގައި ފެށުމުން، ވެރިރަށް މާލެއަށް ދަތުރުކޮށްގެން ހިދުމަތް ހޯދަން ޖެހޭ ޖެހުމަށް ނިމުން އައިސް، ރައްޔިތުންނަށް ލި ފަސޭހަ ވެގެންދާނެއެވެ.