ބޮޑެތި ފްލައިޓު ޖެއްސޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައިފިއެވެ.

ހާއްސަ ރަސްމިއްޔާތެއްގައި، މިރޭ އެ އެއާޕޯޓު ހުޅުއްވައިދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު، ކިންޖަރަޕު ރާމް މޯހަން ނައިޑޫއެވެ.

މި ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ހަނިމާދުއަށް ވަޑައިގެންނެވީ، A320ގެ މަރުކާގެ މަތިންދާ ބޯޓެއްގައެވެ.

އެއީ، މިހާތަނަށް އެ އެއާޕޯޓަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓެވެ.

މިރޭ އެއާޕޯޓު ހުޅުވުމަށް ތިން މިނެޓަށް ހަވާ އަރުވާފައިވެއެވެ.

އެކަމުގެ އުފަލުގައި އަތޮޅުގެ އެކި ރަށްތަކުން ވަނީ ކޭންތައް ގެނެސްފައެވެ.

ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ރައީީސް އޮފީީސް

މީގެ 39 އަހަރު ކުރިން ހެދި ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ކުރިން، އެ އެއާޕޯޓުގެ ރަންވޭ ކުޑަކަމުން މިހާތަނަށް ޖައްސަމުން އައީ، އޭޓީއާރްއާއި ޑޭޝް މަރުކާގެ ބޯޓުތައް އެކަންޏެވެ.

 

ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ރައީީސް އޮފީީސް

އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމުކުރި ރަންވޭ އަކީ 2.7 ކިލޯމީޓަރުގެ ދިގު ރަންވޭއެކެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ.

އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ ކަމަށް ކުރީން އިއުލާނުކޮށްފައިވެއެވެ.

އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރާނެ ކަމަށް ބުނެފައިވެއެވެ.