ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ހުޅިވިގެން ދަނީ އެއާޕޯޓެއްގެ އިންފްރާސްޓްރަކްޗަރ އެކަނި ނޫން ކަމަށާ، ހުޅިވިގެން އެ ދަނީ ބޮޑު ތިލަދުންމަތީ ސަރަހައްދުގެ ތަރައްގީގެ ދޮރޯށި ކަމުގައި ވިދާޅުވެ، މި ފުރުސަތު ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިއްޕެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.

މި މޭރުމުން ރައީސް ވާހަކަފުޅު ދެއްކެވީ، އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީއާއެކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް އެ ރަށުގައި ރޭ އޮތް ކުލަގަދަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސްގެ އަރިހުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު އަދި އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ޝްރީ ކިންޖަރަޕު ރާމްމޯހަން ނައިޑޫވެސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫއުއަކީ ތަސައްވުރާއި، ބަދަލާއި، މިންނެތް މަސައްކަތުން ހާސިލުވާނެ ކާމިޔާބު ރަމްޒުކޮށްދޭ މަޝްރޫއުއެއްކަން ފާހަގަކުރެއްވިއެވެ.

2022 ވަނަ އަހަރުގެ ފަހުކޮޅު މަސައްކަތް ފެށި ކަމުގައި ވީ ނަމަވެސް، މަސައްކަތުގެ ދުވެލި މަޑުޖެހި، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ރިޔާސީ އިންތިހާބުގެ ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، މަސައްކަތުގެ ދުވެލި ބާރު ކުރައްވައި، ކާމިޔާބު ކަމާއެކު އެ ވައުދުފުޅު ފުއްދަވައިދެވިއްޖެކަމުގައި ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އުތުރުގެ ރަށްތަކަށް ލިބިފައިވާ ގާބިލުކަން ހާމަވެ، މި އެއާޕޯޓުގެ ޒަރިއްޔާއިން މުޅި ދުނިޔެއާ އެ ރަށްތައް ގުޅާލެވިގެން ދިޔައީ ކަމުގައި ސިފަކުރައްވައި، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް ވަނީ، ހުޅުވިގެން ދިޔަ ރަނުގެ މި ފުރުސަތުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިއްޕެވުމަށް ގޮވައިލައްވާފައެވެ.

އެގޮތުން ބައިނަލްއަގުވާމީ އެއަރލައިންތަކުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ގޮވާލައްވައި، ދިވެހި ވިޔަފާރިތަކުންވެސް އުތުރުގައި އިންވެސްޓްކުރާ މިންވަރު އިތުރުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

އިގްތިސާދީ ކުރިއެރުމާއެކު އާންމު ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް އަދުގެ ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާ އެއްގޮތަށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމާއެކު އެކި ގޮތްގޮތުން ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ވަކީން ހާއްސަކޮށް، ހދ. ނާގޯށީގައި ތަރައްގީ ކުރެވޭ ރިސޯޓާއެކު، ފަތުރުވެރިކަމުގެ ދާއިރާއިންވެސް އުތުރުގެ ސަރަހައްދަށް ކުރިއެރުން ލިބޭނެކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.