ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ދިވެހި ބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީގެ ސަނަދު، ދިވެހި ބަހުން ހާސިލުކުރެއްވުމުގެ ޝަރަފު ހޯއްދެވި ޑރ. އާމިނަތު ޒާހިރުއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އިއްޔެ ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ބަހުގެ އެންމެ ފުރަތަމަ ޕީއެޗްޑީ ދިވެހި ބަހުން ހާސިލު ކުރެއްވުމާ ގުޅިގެން އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، އާމިނަތު ޒާހިރަށް ތަހުނިޔާ އަދާކުރެއްވިއެވެ.
އަދި މިއީ، ދިވެހި ބަސް ކުރިއެރުވުމަށް ކޮށްދެއްވި ވަރަށް މުހިއްމު ހިދުމަތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ދިވެހިބަސް ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވަމުންގެންދަވާކަން ފާހަގަކުރައްވަމުން، މިގޮތުން އިސްކަން ދެއްވަމުން ގެންދަވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އާމިނަތު ޒާހިރު ދެއްކެވި ވާހަކަފުޅުގައި، އޭނާއާ ރައީސްއާ ބައްދަކޮށްލެއްވިކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސްއަށް ޝުކުރު ދެންނެވިއެވެ.
އަދި މި ފުރުސަތު ދެއްވިކަން އެއީ، ދިވެހި ބަހަށާއި ދިވެހި ބަސް ކުރިއެރުވުމަށް ރައީސް ދެއްވާ ސަމާލުކަމުގެ ވަރަށް ބޮޑު ދަލީލެއް ކަމުގައި ވިދާޅުވިއެވެ.
އާމިނަތު ޒާހިރުގެ އިލްމީ ދިރާސާގެ މައިގަނޑު މަގްސަދަކީ، ދިވެހިބަސް ކުރިއެރުވުމަށްޓަކައި އަމަލު ކުރަންވީ ގޮތްތައް ދެނެގަތުމެވެ.
އާމިނަތު ޒާހިރުގެ ތީސީސްގެ ކޮޕީއެއް މި ބައްދަކުރެއްވުމުގައި، އޭނާވަނީ ރައީސްއަށް ވެދުމަށް އަރުވާފައެވެ.
ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީގެ ސަނަދު ދިވެހި ބަހުން ހާސިލު ކުރެއްވުމުގެ ޝަރަފު ހޯއްދަވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އާމިނަތު ޒާހިރަށް ރައީސް ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި ހަނދާނީ ފިލައެއް އަރުވާފައެވެ.

