ހައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ގެނުވައިދޭ މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ދާއިމީ ކުރުމަށް ސައުދީ ސަރުކާރުން ނިންމަވައިފިއެވެ.
ސައުދީ އަރަބިއްޔާއަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރައްވަވާ ރަސްމީ ދަތުރުގައި އިއްޔެ ވަނީ މައްކާ ރޫޓް އިނީޝިއޭޓްގެ ސުޕަވައިޒަރީ ކޮމެޓީއާއި ބައްދަލުކުރައްވާފައެވެ.
މައްކާ ރޫޓްގެ ދަށުން ހައްޖުގެ ހިދުމަތް ރާއްޖެއަށް ދާއިމީކޮށް ކުރިއަށް ގެންދަވަން ނިންމަވާފައިވާކަމަށް މައްކާ ރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީއިން ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހައްޖަކީ ރާއްޖެއަށް މައްކާރޫޓްގެ ތަޖުރިބާގެ ފަހަރު ކަމުން، މިކަމާމެދު ރައީސް މުއިއްޒުއާއި ދިވެހި ސަރުކާރުގެ މުއައްސަސާތަކާއި އެއާޕޯޓާއި ކަަަސްޓަމްސްއާއި އިމިގްރޭޝާނާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި އޭވިއޭޝަން ސެކިއުރިޓީއާއި ރައްޔިތުން ދެއްވި އެއްބާރުލެއްވުމާއި މުހިންމުކަން ސައުދީ ސަރުކާރުން ވަނީ ފާހަގަ ކުރައްވައިފައެވެ.
މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގައި ހިމެނޭ ސައުދީގެ ހައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އޭވިއޭޝަނާއި އިމިގްރޭޝަނާއި ދާހިލީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.
ދާއިމީ ގޮތެއްގައި މައްކާރޫޓް ރާއްޖެއަށް ހަމަޖެހިގެން ދިއުމަކީ ހައްޖުގެ އަޅުކަމުގެ ދަތުރު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމެވެ.
ހަމައެއާއެކު މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ދާއިމީކޮށްދެއްވައި، ދިވެހި ހައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ހޯދައިދެއްވިކަމަށްޓަކައި މިނިސްޓަރު ވަނީ ރައީސްގެ ނަންފުޅުގައާއި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ސައުދީ ރަސްގެފާނާއި، ވަލީއަހުދު އަދި ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.
