މިދިޔަ މަހު މާލެއިން 119 ސައިކަލު ވަގަށް ނަގައިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

ފުލުހުން އާއްމު ކުރި ތަފާސް ހިސާބުން އެނގުނު ގޮތުގައި، އެއީ އޭގެ ކުރީ މަހަށްވުރެ އިތުރު އަދަދެކެވެ.

އެގޮތުން، ތަފާސްހިސާބުން ދައްކާ ގޮތުގައި، ވަގަށް ނެގި ކަމަށް ބުނެ ރިޕޯޓުކުރި 119 ސައިކަލު ތެރޭގައި ހިމެނެނީ ހޮންޑާ ވޭވް/ސްކޫޓާސް، ހޮންޑާ ޕީސީއެކްސް، ހޮންޑާ އެއާ ބްލޭޑް އަދި ޔަމަހާ އެންމެކްސް މޮޑެލްގެ ސައިކަލުތަކެވެ.

ފުލުހުން ވަނީ މިދިޔަ މަހު މާލެއިން ގެއްލިގެން ރިޕޯޓުކުރި 110 ސައިކަލު ހޯދާފައެވެ.

އެއީ އެ މަހު ރިޕޯޓުކުރި ސައިކަލުތަކުގެ ތެރެއިން 92.4 އިންސައްތަ ކަމަށްވާއިރު އެ ސައިކަލުތަކުގެ އަގު ހަތަރު މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސައިކަލު ވަގަށްނެގުމުގެ މައްސަލަ އިތުރުވުމާ ގުޅިގެން ފުލުހުން ވަނީ ސައިކަލު ޕާކްކުރުމަށްފަހު ތަޅުދަނޑި ނެގުމަށާއި މެގްނެޓިކް ޝަޓާ ލޮކް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ.

އަދި ހާމަކަން ބޮޑު، އަލިގަދަ ތަންތަނުގައި ސައިކަލު ޕާކުކުރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.