ތުރުކީވިލާތުގެ އަސްކަރީ އުޅަނދެއް ވެއްޓި، ހިނގާދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާނަށާއި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
މި ހާދިސާއާ ގުޅިގެން ރައީސް މުއިއްޒުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާ ކުރެއްވި މެސެޖުގައި ވަނީ، އެ ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެ، އެފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށާއި، އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވައިފައެވެ.
އަދި މި ހާދިސާގައި ގެއްލިފައިވާ ފަރާތްތައް ހޯދުމަށް ތުރުކީވިލާތުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބުވުމަށް އެމަނިކުފާނު އެދިވަޑަގެންފައިވެއެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެ، ތުރުކީވިލާތުގެ އުހުއްވަތްތެރި ރައްޔިތުންނާއެކުގައި ތިބިކަން ހާމަ ކުރައްވަމުންނެވެ.

