ރައީސުލްޖުމްހޫރިއްޔާގެ ނައިބު‎ ހުސައިން މުހައްމަދު ލަތީފު، ތިލައުތުރު ފުޓުސަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހއ. އުތީމު ފުޓްބޯޅަ ދަނޑަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގާއި އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދެވެ.

ތިލައުތުރު ފުޓުސަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އެފަދަ މުބާރާތެއް އަތޮޅުކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިއުމަކީ، ކުރިޔަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާ، އަދި މިއީ ވަރަށްބޮޑު އިޖުތިމާއީ ހަރަކާތެއް ކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.

އަދި އެއީ ކުޅިވަރުގެ އިތުރަށް އިގްތިސާދީ މަންފާތަކެއްވެސް ލިބިގެންދިޔަ މުބާރާތެއްކަން ފާހަގަ ކުރައްވައި، މުބާރާތް ރާވައި ދެއްވިކަމަށްޓަކައި އަތޮޅު ކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި މިފަދަ މުބާރާތްތައް ހިންގުމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވައިފައެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ މުރައިދޫ ޓީމާއި، އުތީމު ޓީމެވެ. މި މެޗުން ކާމިޔާބު ކުރީ އުތީމު ޓީމެވެ.

މި ރަސްމިއްޔާތުގައި، ނައިބު ރައީސް ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ތާޖު ހަވާލުކޮށްދެއްވައި، މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް އަދި ޓްރޮފީ ދެއްވައިފައެވެ.