ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ”އައިވީއެފް“ (އިން ވިޓްރޯ ފަރޓިލައިޒޭޝަން) ގެ ފަރުވާއަށް ދައުލަތުގެ އެހީ ހޯދުމަށް ”ފަރޓިލިޓީ ކެއަރ ފަންޑް“ މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިންނަށެވެ.
އެންސްޕާ އިން ނެރުނު އިއުލާނެއްގައިވާ ގޮތުން، މި ފުރުސަތަށް އެދި ހުށަހެޅުމުގެ މުއްދަތަކީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށެވެ.
ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް، ސަރުކާރުގެ ހިދުމަތްތަކަށް ހާއްސަ ޕޯޓަލް ކަމަށްވާ https://one.gov.mv މެދުވެރިކޮށެވެ.
މި އެހީތެރިކަން ހަމަޖައްސައިދިނުމުގައި އަމަލުކުރާނެ އުސޫލުތައް ވަނީ އެންސްޕާގެ ވެބްސައިޓުގައި ޝާއިއު ކުރެވިފައެވެ.
މި އުސޫލުގައި ”އައިޔޫއައި“ އަދި ”އައިވީއެފް“ ގެ ފަރުވާތައް ފޯރުކޮށްދިނުމާއި ގުޅޭ މުހިންމު މައުލޫމާތުތައް ހިމެނެއެވެ.

