މާލޭގައި ހިންގާ ސެލޫނެއްގައި ފައިސާގެ ބަދަލުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ތައި އަންހެނުންނާއި ދިވެހި ފިރިހެނެއް ހިމެނޭހެން ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މި މަހުގެ 17 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި މާލޭ ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގާ ”ޕީސް ސެލޫން އެންޑް ސްޕާ“ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ބަލައި ފާސްކުރުމުގެ ތެރެއިން ފައިސާގެ ބަދަލުގައި ޖިންސީ ކުށުގެ ޢަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންނަކީ ގއ. ވިލިނގިލި / ރިވެލި، މުޙައްމަދު ސަމާމް ރަޝީދު (28އ) އާއި، ތައިލެންޑުގެ ތިން އަންހެނުން ކަމަށްވާ ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި، ޕަޓްޗަރިދާ ބަންނަބޮޑީ (24އ) އާއި، ސުޕަވަޑީ ޖޮމްޓަރަކު (21އ)އެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުހައްމަދު ސަމާމް ރަޝީދު (28އ) ފަސް ދުވަހަށް، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި، ސުޕަވަޑީ ޖޮމްޓަރަކު (21އ) ތިން ދުވަހަށް އަދި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުންގެ މައުލޫމާތު ދެއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

